
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި ހަތަރު ކޮޓަރީގެ ބޮޑު ލަގްޒަރީ އެޕާޓްމަންޓަކަށް ބަދަލުކުރި މައްސަލައިގައި ދެ އެޕާޓްމަންޓުގެ އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯއިން ދީފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އާބަންކޯއިން އެ ގޮތަށް އަންގާފައިވަނީ ކޮންމެ އެޕާޓްމަންޓެއްގެ ވެރި ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ފައިސާ ދައްކާފައި ނުވުމުގެ އިތުރުން ފާރު ރޭނުމަށް ދިން 10 ދުވަހުގެ މުއްދަތުގައި އެކަން ވެސް ކޮށްފައިނުވާތީއެވެ.
އާބަންކޯއިން ފޮނުވި ނޯޓިހުގައި ވަނީ ދެ އެޕާޓްމަންޓް، ދެ ހަފުތާގެ ތެރޭގައި ހުސްކުރުމާ އެކު މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގައި ތެރޭގައި ދެއްކުމަށެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އާބަންކޯގެ އެންގުންތަކަށް އަމަލުކުރުމުގެ ބަދަލުގައި ދެ އެޕާޓްމަންޓުގެ ވެރިފަރާތުން ދިޔައީ ސިވިލް ކޯޓަށެވެ. އެޕާޓްމަންޓް ދޫކޮށްފައިވާ ފަރާތުން މިދިޔަ ހަފުތާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އާބަންކޯއަށް އެ ދެ އެޕާޓްމަންޓް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދުނުއިރު، އެ މައްސަލަ މިހާރު ވަނީ ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާބަންކޯ އާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ އާ ގުޅޭގޮތުން ސުވާލު ކުރުމުން އާބަންކޯގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުގެ އެންގުން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް ދިޔަ ނަމަވެސް އެ ނިންމުން ބަދަލު ނުވާނެ ކަމުގައެވެ.
ހިޔާގެ ދެ އެޕާޓްމަންޓެއްގެ މެދު ފާރު ތަޅާލައި، އެއް އެޕާޓްމަންޓަކަށް ހަދައިގެން އުޅޭ އެކަކަކީ ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.