
މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހު ފަހުކޮޅު މާލޭގައި ހިނގި ވައްކަމުގެ މައްސަލައެކެވެ. މި މައްސަލައިގައި ޝާމިލުވާ އަންހެން މީހާވަނީ މާފަންނުކޮޅުގައި ހުރި ގެސްޓްހައުސްއެއްގައި ދިރިއުޅުނު މީހެއްގެ ދެ ފޯނާ، ލެޕްޓޮޕަކާ އަދި އިންޓަނެޓް މޮޑެމްއަކާ ޕެން ޑްރައިވެއް ވަގަށް ނަގާފައެވެ.
މި މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ދައުލަތުން ވައްކަމުގެ ދެ ދައުވާއެއް ކުރިއެވެ.
މައްސަލައިގެ ޝަރީއަތުގައި މި އަންހެން މީހާވަނީ އޭނާ ވައްކަން ކުރިކަމަށް އިއުތިރާފުވެފައެވެ. އެކަމަކު އޭނާ ބުނީ ވައްކަން ކުރީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދި ޖަލު ހުކުމް ގޭ ބަންދު ހުކުމަކަށް ބަދަލުކޮށްދިނުމަށް އޭނާ ޝަރީއަތުގައި އެދުނެވެ.
2019 ވަނަ އަހަރު ހުށަހެޅި މި ދެ ދައުވާގެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ ހޯމަ ދުވަހުއެވެ. ވަކިވަކިން ދައުވާ ކުރި ވައްސަމުގެ މި މައްސަލައިން ކޮންމެ މައްސަލައެއްގައިވެސް ކުރީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. އެކަމަކު މައްސަލަ ބެލި ފަނިޔާރުވަނީ ޖަލު ހުކުމް ގޭ ބަންދު ހުކުމަކަށް ލުއިކޮށްދީފައެވެ.