
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވާ މަނީ ލޯންޑްރިންއާ ރިޝްވަތު ދިނުމުގެ މައްސަލައިގެ މާދަމާގެ އަޑު އެހުން ތާވަލުކޮށްފައި އޮތީ، ހެނދުނު 9:30 ގައި އޮންލައިންކޮށް ބޭއްވުމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑު އެހުމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ފުލުހުންގެ ތަހުގީގު ފައިލްތައް އެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުންނަށް މައްސަލައިގެ ތަހުގީގު ފައިލްދޭން އަމުރުކުރިއިރު، އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ރައީސް ޔާމީނާ، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަންގެ ދެ ކުންފުންޏެއްގެ މައްޗަށެވެ. އެއީ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓް އެވެ.
ތަހުގީގު ފައިލްތައް ދޫކުރަން ކުރިމިނަލް ކޯޓުން އަމުރު ކުރީ، ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި އެ ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ދިފާއުން މައްސަލައިގެ ތަހުގީގުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ދިނުމަށް އެދިއްޖެނަމަ ދައުލަތުން އެ މައުލޫމާތުތައް ދޫކޮށްދޭން ޖެހޭނެ ކަމަށެވެ. ތަހުގީގު ފައިލްތައް ދިފާއަށް ހިއްސާކުރުމަށް ފަސް ދުވަސް ކޯޓުން އެ ދުވަހު ދިނެވެ.
އެންމެ ފަހުން އޮތް ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ހުކުމާ ހަވާލާދީ ފުލުހުންނާ އޭސީސީ އަދި އެސެޓް ރިކަވަރީގެ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށް ދިފާއުން އެދުނެވެ. ކްރިކް ރިޒާގެ ވަކީލު ޔާމީން އެދުނީ ފުލުސް އޮފީހަށް ގޮސް އެ މައުލޫމާތުތައް ހޯދުމަށް އަމުރުކޮށްދިނުމަށެވެ. ސަން އިންވެސްޓްމަންޓުން އެދުނީ އޭސީސީ އަދި ރިޔާސީ ކޮމިޝަނަށް ވަކިވަކިން ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ.
އޭގެ ރައްދުގައި ދައުލަތުން އެ ދުވަހު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި އޮންނަނީ ހެކި ހާމަކޮށްދޭން އެދޭ އިރު ތަހުގީގު ފައިލްތައް ދިނުމަށެވެ. އެހެންކަމުން ދައުލަތަށް ގަބޫލު ކުރެވެނީ، އެއީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި އެދެން ޖެހޭ މައުލޫމާތެއް ކަމަށެވެ.