ads
ކުޑަގިރި: ފަތުރުވެރިންވެސް ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ވަނީ ބުނެފައި - ފޮޓޯ:އާބަންކޯ
ކުޑަގިރި: ފަތުރުވެރިންނަށްވެސް ހާއްސަ މަންޒިލަކަށް
ކުޑަގިރިއަކީ ފަތުރުވެރިންވެސް ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތް ފެށިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، ކުޑަގިރިއަކީ ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަގުބޫލު ރަށަކަށްވެފައިވާ ކަމަށެވެ.

ގިނަ ވަސީލަތްތަކާއި ފަސޭހަތަކާ އެކު ޕްލޭން ކުރެވި، ތަރައްގީ ކުރެވިފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާއިރު އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެރަށުން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަގިރި ޕްލޭން ކުރެވިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށްވެސް ކުޑަ ފީއެއް ދައްކައިގެން އެ ރަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

އާބަންކޯއިން ބުނީ ޒަމާނީ ވަސީލަތްތަކާއި ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް އެ ރަށުގައި މިހާރުވެސް ހުންނަ ކަމަށެވެ. އެގޮތުން ކެފޭ އަދި ރެސްޓޯރަންޓާއި މޫދުގެ އެކި ކުޅިވަރުތަކާއި ބީޗް ކުޅިވަރުތަކުގެ އިތުރުން ޑައިވިން ސްކޫލް ފާހަގަކޮށްލެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި އެފަދަ ހިދުމަތްތައް ކުޑަގިރީގައި ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހިކޮށްދިނުމަށް ކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ ގެސްޓް ހައުސްތައް މިހާރު ވަނީ އިތުރުވެފައި ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ މާލެ ސަރަހައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ހިންގަމުންދާއިރު، ކުޑަގިރި ވެފައި ވަނީ ގިނަ ވަސީލަތްތަކާ އެކު އެ ވިޔަފާރިތަކަށް ބޮޑު އެހީ އަކަށް ކަމަށެވެ. 

އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ އެކަމުގެ ސަބަބުން ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބިގެންދާއިރު، ފަތުރުވެރިންނަށްވެސް އާ މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

your imageކުޑަގިރި: ފަތުރުވެރިންނަށްވެސް ހާއްސަ މަންޒިލަކަށް - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި ގަވާއިދުން ހުޅުމާލޭން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު ދަނީ ކުރަމުން ކަމުގައެވެ. އެހެންކަމުން، ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯގެ އަމާޒަކީ ކުޑަގިރިން އާންމުންނަށް ދެމުންގެންދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގެސްޓް ހައުސް ވިޔަފާރިތަކަށްވެސް ގިނަ ލުއިތަކެއް ހޯދައިދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް