
ބޮޑު ހިޔާނާތުގެ ތަހުގީގަށް ހެކީގެ ގޮތުގައި ބޭންކުން އެކައުންޓު ސްޓޭޓުމަންޓްތަކާއި ޓްރާންސެކްޝަންތައް ފުލުހުން ހޯދި ގޮތަށް އިއުތިރާޒުކޮށް، ފުލުހުން އަމަލުކުރި ގޮތް ގޯސްކަމަށް ޔާމީން ވިދާޅުވީ، މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި ހިޔާނާތުގެ މައްސަލައިގައެވެ.
އެ މައްސަލައިގައި ކޯޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މުޅި އިގުތިސޯދަށް ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގެއްލުން ލިބޭ ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިހާރުވެސް ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނުގެ އިތުރުން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކޮށްފައިވާ ދައުވާ މިހާރު ދަނީ ހިގަމުންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި އެއް ހުށަހެޅުމަކީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ޔާމީން ވިދާޅުވީ ބޭންކުން ހޯދާފައިވާ ސްޓޭޓްމަންޓުގެ ތެރޭގައި 2010 އިން ފެށިގެން ހިމެނޭ މުއާމަލާތްތައް ވެސް ހިމެނޭ ކަމަށެވެ.
ދައުލަތުން ހޯދި ހެކިތަކަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކްގެ ފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އަދި ޝަރީއަތުގައި އިއްވީ ހިޔާނާތް ތަހުގީގުކުރަން ރައީސް ސޯލިހު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ފިޔަވައި އެހެން ތަހުގީގު އިދާރާތަކުން ހޯދި ހެކިތަކާއި، ބޭންކުން ހޯދި ހެކިތައް ބަލައިނުގަތުމުގެ ހުށަހެޅުމެވެ.