އުރީދޫން ބުނީ އެމް-ފައިސާ މެދުވެރިކޮށް މާލެ، ހުޅުމާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތާ ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު ހަވާލުކޮށްފައިވާ ކަމަށެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި މި ހާއްސަ ހަރަކާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމުގެ އިތުރުން ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ހަސަން ބައިވެރިވެވަޑައިގެންނެވި ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނެފައިވަނީ އެ ކުންފުންޏާއި އެފްއެސްއެމް ގުޅިގެން ގްރޭޓަ މާލެ ސަރަހައްދުގައި ބެހެއްޓިފައި ހުރި އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ފަހިކޮށްދިނުން ވެގެން ދިޔައީ އެފްއެސްއެމް ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ. ޕެޓްރޯލް ޝެޑުތަކުގައި ބަހައްޓާފައި ހުންނަ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްގެން ކަސްޓަމަރުންނަށް މިހާރު ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ފަސޭހަ އަދި ރައްކާތެރި މި ހިދުމަތުގެ އަމާޒަކީ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ އިތުބާރު ހިފޭ ހައްލުތައް ހޯދައިދިނުން ކަމަށެވެ.
"ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބި، އެފްއެސްއެމްގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެފްއެސްއެމް އާއެކު ވެވުނު މި ޕާޓްނަޝިޕް އާއެކު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން، ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް ރާއްޖޭގައި ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެހީތެރިވެދޭ. ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގުތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި ވިސްނުމާ އެއްގޮތަށް އެމް-ފައިސާ ހިދުމަތް އެފްއެސްއެމްގައި ގާއިމުކޮށްދެއްވި ކަމަށްޓަކައި ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި ހަމަ އެ އާއެކު އަޅުގަނޑުމެންގެ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަށް ސްކޫޕީ ސައިކަލް ހަދިޔާ ކޮށްދެއްވި ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖްމަންޓަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އުރީދޫ އާ ގުޅިގެން އެމް-ފައިސާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ފައިސާ ދެއްކުމުގައި ފަސޭހަވެގެން ދިޔައީ ހަމައެކަނި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކަނި ނޫން ކަމަށާއި ކުންފުނީގެ މުވައްޒަފުންނަށްވެސް ޕޭމަންޓް މޮނީޓަކޮށް، ބެލެހެއްޓުމުގެ ލުއިފަސޭހަކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ ކަމަށް ގަސަމް ވިދާޅުވިއެވެ. ގަސަމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އެހެން ސަރަހައްދުތަކަށް ފުޅާކޮށް، ފަސޭހަކަމާއި ރައްކާތެރި ކަމާ އެކު ފައިސާ ދެއްކުމުގެ ފައިދާ އިތުރު ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ އާއެކު މަސައްކަތް ކުރާނެ ކަމުގައެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ހާއްސަ އޮފާތައް ފަދަ ގިނަ ފައިދާތައް ހޯދުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫން މަރުހަބާ ކިޔައެވެ. އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.