ރޭ މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 60 ލާރި ބެހުމަށް ފާސްކޮށްފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ތާއީދާ އެކުގައެވެ. މިދިޔަ އަހަރުވެސް އެމްޓީޑީސީން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 60 ލާރީގެ މަގުންނެވެ.
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ 15،000 ހިއްސާދާރުން ބައިވެރިވިއެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބެހުމަށް އެ ޖަލްސާގައި ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވި ނަމަވެސް އެ ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައެވެ.
އެމްޓީޑީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން،
މި އަހަރު އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވި ނަމަވެސް އެ ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް ލިބުނު ފައިދާ އެހާ ބޮޑަށް ދަށަށް ގޮސްފައިވަނީ ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވެފައިވާތީއެވެ. އެގާރަ އަހަރަށްފަހު އެމްޓީޑީސީއަށް ފައިދާ ވާން ފަށާފައިވަނީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރިމެންޓްތައް ކުރިން ހުރިވަރަށްވުރެ ފައިދާވާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރުމާ ގުޅިގެންނެވެ.
އެމްޓީޑީސީން ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އެ ކުންފުނިން ހިއްސާއެއް ވިއްކަމުން އައީ 100 ރުފިޔާއަށް ކަމަށް ވީނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ.