
މަސްވަޅިއަކުން ހަމަލާދީ ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިކަން ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ އެ ރަށު ބީޗްވިލާ އަލީ ސިފާމްއެވެ. އެ މައްސަލައިގައި ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫންގެ މައްޗަށް ކުރީ މަރުގެ ހުކުމެކެވެ.
މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މަރަން އަދި އެ ރަށު ބީޗްވިލާ އަލީ ސިފާމް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅުއެވެ. އޭގެ ތެރެއިން އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ފެބްރުއަރީ މަހު ހުކުމް ކުރެއްވީ، ޒިޔަދަމްގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ޝަރީއަތަށް ހެކިބަސް ދީފައިވާތީ ޝަނޫންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް އަދި އަލީ ސިފާމް އުމުރަށް ޖަލަށްލާށެވެ.
ޒިޔަދަމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް މަރަށް މަރު ހިފަން ކުރިން ޝަރީއަތުގައި އެދިފައެވެ. ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވަނީ އޭނާ ވެސް އެދެނީ މަރަށް މަރު ހިފަން ކަމަށް ބުނެފަ އެވެ. ޒިޔަދަމް މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު ވަނީ ނިޔާވެފައެވެ.
ލ. މުންޑޫގައި 2015 ވަނަ އަހަރު މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ޒިޔަދަމް މަރާލީ، 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު، މުންޑޫ ވަގުތީހިޔާ ކައިރިން ހިނގި މާރާމާރީއަކަށްފަހު، ވަޅިން ހަމަލާދީ
މިމައްސަލާގައި ދައުލަތުން ބުނެފައިވާގޮތުން، ޒިޔަދަމް އަށް ހަމަލާދިން ރޭ އެރަށު ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި، ސިފާމް އެތަނަށް ގޮސް، ކަތިވަޅިއަކުން ޒިޔަދަށް ހަމަލާދީފައި ވެއެވެ. ހަމަލާދޭން ފެށުމުން ސަލާމަތްވާން ޒިޔަދަމް ވަގުތީހިޔާ ތެރެއަށް ވަނުމުންވެސް، އެދެމީހުން ޒިޔަދަމްގެ ފަހަތުން ގޮސް ވަޅިން ހަމަލާދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
މީގެ އިތުރުން، ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް ދައުވާ ލިބޭ ޝަނޫން އޭގެ ތެރެއިން މީހަކަށް ހަމަލާދީ، ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެ އެވެ. ޒިޔަދަމްގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް ހަމަލާދީފައިވަނީ މަސްކަނޑާ ވަޅިއަކުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.