ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރުނެތް ކަމަށުގެ މައްސަލައިގައި ރިއްފަތު ޖަވާބުދާރީވީ ލިޔުމުން ކަމަށާއި މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ ވަޒީރު މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވާނެ ކަމަށެވެ.
މި މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުގެ އާންމު ކޮމިޓީން ރިއްފަތަށް ދީފައިވަނީ 30 މިނެޓެވެ. އެއީ މި މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުސްގެ މެދުތެރެއިން ވަޒީރު ބޭނުންފުުޅުވާ ވަގުތެއްގައި 10 މިނެޓާއި ބަހުސް ނިމުމުން 10 މިނެޓެވެ.
ރިއްފަތު މަޖިލީހަށް ލިޔުމުން ހުށަހަޅާފައިވާ ޖަވާބު މަޖިލީހުގައި އިއްވުމުގެ ކުރިން އިދިކޮޅު މެންބަރުން ވަނީ ލިޔުމުން ޖަވާބު ދެވޭނެ ގޮތެއް އާންމު ކޮމިޓީން ނިންމާފައި ނުވާ ކަމަށް ބުނެ ނިޒާމީ ނުކުތާއެއް ނަގާފަ އެވެ.
މި މައްސަލައިގައި އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުން ހިޔާލު ތަފާތުވުމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި ރިޔާސަތުން މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފަ އެވެ.
ޝިފާއުގެ ހުށަހެޅުން ބަލައިގަނެ ރައީސް ނަޝީދު ވަނީ ދިމާވި މައްސަލައަށް ގޮތެއް ނިންމެވުމަށް ހުސްވަގުތުކޮޅެއް ނަގާފަ އެވެ.