ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އެޖެންޑާކޮށްފައި އޮތް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ވަޒީރު ވަޑައިގެން ޖަވާބު ދެއްވާނެ ކަމަށް ނިންމާފައިވަނިކޮށް ލިޔުމުން ޖަވާބު ދެއްވުމުން އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޝްވަރާކޮށްގެން ގޮތެެއް ހޯދުމަށް މަޖިލީހުގެ ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލައްވާފަ އެވެ. ނަމަވެސް އަލުން މަޖިލިސް ފައްޓަވާ މަޝްވަރާކޮށްގެންވެސް ހައްލެއް ނުލިބުނުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބަށް ލިޔުމުން ޖަވާބުދާރީވުމުގެ ހައްގު ގާނޫނު އަސާސީން ލިބިދޭކަމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެބޭފުޅުން ގަބޫލުކުރައްވަނީ އާންމު ކޮމެޓީން ވެސް ނިންމާފައިވާ ގޮތަށް ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިބާވަތުގެ މައްސަލަތަކުގައި އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ އިސްތިރާޖީ ލަފަޔެއް ހޯއްދަވަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މިފަދަ ގާނޫނީ ކަންކަމުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ސްޕްރީމް ކޯޓުން ގޮތެއް ނިންމެވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ސްޕްރީމް ކޯޓުގެ ލަފަޔެއް ހޯދަން އެދޭކަން ހާމަކުރެއްވުމަށް ފަހު ހެނދުނުގެ ނާސްތާ ނެންގެވުމަށް މެންބަރުންނަށް ހުސްވަގުތުކޮޅެއް ދެއްވާފަ އެވެ. އަދި ހެނދުނުގެ ނާސްތާއަށް ފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ މައްސަލަ އާގެން ކުރިއަށް ދިޔުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއ،ި އެޗްއާރް މެނޭޖަރުކަމާއ،ި ޗީފް އެކައުންޓެންޓުގެ މަގާމަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމެއްކަމަށް ކަނޑައެޅުމާ ބެހޭ ގޮތުން ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް އެވެ.