ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިއްފަތު ލިޔުމުން ޖަވާބު ދެއްވުމުން އުފެދުނު ހިޔާލު ތަފަތުވުންތަކަށްފަހު ސްޕްރީމް ކޯޓުގެ ލަފާ ހޯދަން ފެންނަކަމަށް ވިދާޅުވުމަށްފަހު ސްޕްރީމް ކޯޓުގެ ލަފާ ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވުމުންނެވެ.
މިއަދުގެ ޖަލްސާގައި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު މިއަދު އެ މައްސަލަ ނިންމާފައެއް ނުވެ އެވެ. މައްސަލަ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ އާންމު ކޮމިޓީން ރިއްފަތު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވާނެ ކަމަށް ނިންމާފައިވަނިކޮށް ލިޔުމުން ޖަވާބުދާރީ ވުމުން އުފެދުނު ހިޔާލުތަފާތުވުން ތަކެއްގެ ސަބަބުންނެވެ.
މި މައްސަލައިގައި ސްޕްރީމް ކޯޓުގެ ލަފައެއް ހޯދަން ފެންނަ ކަމަށް ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވީ އެހާ ސާފުކޮށް އެހެން ބަޔާންކޮށްފައިވާއިރު މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަަކަށް ސްޕްރީމް ކޯޓުގެ ލަފާ ހޯދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއީ ލަފާ ހޯދަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ ލަފާ މަޖިލީހަށް ލިބޭނީ ލަފާ ހޯދަން މަޖިލީހުން ފާސްކުރުމަށް ހުށަހަޅާ ފާސްވުމުން ކަމަށެވެ.
ޝަރީފް ވިދާޅުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެ ވަޒީރަކު ޖަވާބުދާރީ ނުވުމަކީވެސް އެ ވަޒީރަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ.