ads
ސްޕްރީމް ކޯޓް ހިންގާ ތީމުގެ
އަނބިމީހާ ކުރި ހަރަދު ފިރިމީހާ އަތުން ހޯދޭނެ: ސުޕްރީމް ކޯޓު
ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދުތައް ކައިވެނި ރޫޅުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދެމަފިރިންގެ ގޮތުގައި ތިބޭއިރު އަނބި މީހާ ކުރާ ހަރަދުތައް، ކައިވެނި ރޫޅުމަށް ފަހު ފިރިމީހާ އަތުން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މެދުރާއްޖެތެރޭ ރަށެއްގެ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް ކައިވެނި ރޫޅުމުން ދިމާވި މައްސަލައެއްގައި އަންހެން މީހާ ކުރި ދައުވާއެއްގަ އެވެ.

މި މައްސަލައިގައި އެ ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދަން އަންހެން މީހާ ދައުވާކުރީ ކައިވެންޏަށް ލިބިފައިވާ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުންނެވެ.

މި މައްސަލައިގައި ދަށު ކޯޓުންވެސް އަދި ހައިކޯޓުންވެސް ނިންމީ އަންހެން މީހާއާ ދެކޮޅަށެވެ. އެކަމަކު ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑީޔާރުންގެ މެދުގައި ރައުޔު ތަފާތުވިއެވެ.

އަންހެން މީހާ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ޚަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ. އަދި ފިރިހެން މީހާ އަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށާއި އެއީ ދެމަފިރިންނަށް ގޯތި ލިބޭ ނަމަ އެތަނުން އެކަކަށް ގޯތި ދޭން އުސޫލު ހަދާފައި އޮތުމާއި ކައިވެނިކޮށްގެން އުޅޭތީ ފިރިހެން މީހާއަށް ޕޮއިންޓް ލިބިފައި ވެސް ވާތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމަވައިފަ އެވެ. އަދި މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށް ކަނޑައެޅުއްވި އެވެ. އެހެންވެ އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް