
މިއީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހު ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައެވެ. މި މައްސަލައިގައި ނަޒީފް މަރަން ހުކުމްކުރި ހުކުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
ނަޒީފްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވި ނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ މިހާރު ދޭން ޖެހޭނީ ގާނޫނީ އަދަބެއް ކަމަށެވެ.
ނަޒީފަށް ދޭންޖެހޭ ގާނޫނީ އަދަބެއް ސުޕްރީމް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމެން އޮތް ނަމަވެސް ސުޕްރީމް ކޯޓުން އެހެން ހެދުމުގެ ބަދަލުގައި އަދަބާ މެދު ގޮތެއް ނިންމަން އެ މައްސަލަ ކްރިމިނަލް ކޯޓަށް އަލުން ފޮނުވާލީއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުން ގިނަ ބަޔަކު އެކުވެގެން ކުށްކުރާ ހާލަތުގައި އެ އިން ކޮންމެ މީހަކު ކުރާ ވަކިވަކި އަމަލެއް ދެނެގަތުމަކީ ހޯދަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެފަދަ ހާލަތްތަކުގައި އެންމެން އެކުގައި ކުރި އަމަލެއް ސާބިތުކޮށް ދިނުމުން ފުދޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ މައްސަލާގައި މަރަން ހުކުމްކުރި ޝިފާއުގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭނާއަށް ވެސް މިރުޒާގެ އާއިލާއިން މައާފް ދީފައިވާތީ އޭނާ 17 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.