ads
އެމްޓީޑީސީން މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ހަތަރު އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވަނީ ހާމަކޮށްފައި - ފޮޓޯ:ފޮރިން މިނިސްޓްރީ
ހަތަރު އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް 75 މިލިއަން ރުފިޔާ އެމްޓީޑީސީން ދީފި
މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި އެ ކޯޕަރޭޝަނުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ތަޒްމީލް ވިދާޅުވެފައިވަނީ އެމްޓީޑީސީގެ އާމްދަނީ އިތުރުކޮށް، ކޯޕަރޭޝަނުގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

އެގާރަ އަހަރަށްފަހު އެމްޓީޑީސީއަށް ފައިދާ ވާން ފަށާފައިވަނީ އެ ކޯޕަރޭޝަނުން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރިމެންޓްތައް ކުރިން ހުރި ވަރަށްވުރެ ފައިދާވާ ގޮތަށް 2021 ވަނަ އަހަރު ބަދަލުކުރުމާ ގުޅިގެންނެވެ.

އެމްޓީޑީސީން ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އެ ކޯޕަރޭޝަނުުން ހިއްސާއެއް ވިއްކަމުން އައީ 100 ރުފިޔާއަށް ކަމަށް ވީނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10 ރުފިޔާއަށް ވަނީ ބަދަލުކޮށްފައެވެ.

އެމްޓީޑީސީން ވަނީ އޮފީސް ކޮމްޕްލެކްސްއެއް އެޅުމަށް 7،000 އަކަމީޓަރުގެ ބިމެއް ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރިން ގަނެފައެވެ. އެ ކޯޕަރޭޝަނުން އެ ބިން ގަނެފައިވަނީ ބިމަށް ވާ ފައިސާ އެއްފަހަރާ އާބަންކޯއަށް ދެއްކުމަށްފަހުގައެވެ. އެމްޓީޑީސީން ދަނީ އެ ބިމުގައި 10 ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އިމާރާތުގައި ޕާކިން އޭރިއާއަކާއި މަލްޓި ޕާޕޯސް ހޯލަކާއި ޖިމެއްގެ އިތުރުން ބިޒްނަސް ލައުންޖެއް ހުންނާނެ ކަމަށް މީގެ ކުރިން އެމްޓީޑީސީން ބުނެފައިވެއެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާ ގޮތުގައި އޮފީސް ކޮމްޕްލެކްސްގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ފަށާނެ ކަމުގައެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމައި ވިޔަފާރި ބޭނުމަށް ތަން ބޭނުންކުރެވޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކޯޕަރޭޝަނުން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް ވިލާސް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ. އެ ދެ ރިސޯޓުގެ ކުލިން އެ ކޯޕަރޭޝަނަށް މިދިޔަ އަހަރު 113 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން އަމިއްލައަށް ތަރައްގީކޮށް، ރިސޯޓެއް ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތަޒްމީލް ވިދާޅުވިއެވެ. ތަޒްމީލް ވިދާޅުވީ އިދާރީ މަސައްކަތްތައް ނިންމުމަށްފަހު، ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދަމުން އަންނަ ކަމަށެވެ.

އެމްޓީޑީސީން އަމިއްލައަށް ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ކޯޕަރޭޝަނުން ބަލަމުން ދަނީ މާލެ އާ ކައިރި ސަރަހައްދަކުން ރަށެއް ހޯދުމަށް ކަމަށް އޭރު އެމްޓީޑީސީން ވަނީ ބުނެފައެވެ. އެމްޓީޑީސީން ނިންމާފައިވަނީ ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ހޭދަކޮށްގެން 240 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް