މަންސައަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކަށް ހިޔާލު ހޯދުމަށްޓަކައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ސެޝަންތަކުގެ ތެރެއިން ސެޝަނެއް މި ފެށޭ ޖޫން މަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ހިޔާ ޕާކު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފަހަރުގެ ސެޝަންގައިވެސް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މި ފަހަރުގެ މަންސަ ސެޝަންގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވާނެ ކަމަށެވެ. އާބަންކޯއިން ބުނި ގޮތުގައި މައުލޫމާތު ސެޝަންތަކުގެ އިތުރަށް ޕްރެކްޓިކަލް ޓްރެއިނިންތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ ފަރާތުން ފަޔަ އެކްސަސައިޒް ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އަލިފާނުގެ ހާދިސާތަކަށްފަހު އިންޝުއަރެންސްއިން ލިބޭނެ އެހީތަކާއި ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ މި ސެޝަން ބާއްވާ ސަރަހައްދުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އެކި ކަހަލަ ހަރަކާތްތައް އިންތިޒާމުކޮށްފައިވާނެ ކަމަށެވެ. ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަނަކީ މި އަހަރު ބާއްވަ ފުރަތަމަ މަންސަ ސެޝަން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި އަހަރުގެ މިހާތަނަށް އައިއިރު ހިޔާ ސަރަހައްދުގައި ގިނަ އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަނީ މިފަދަ ހާދިސާތަކުގެ ހިރާސް ކުޑަކޮށް މި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ މި ފަހަރުގެ މަންސަ ސެޝަން ހިޔާ ސަރަހައްދުގައި ބޭއްވި ނަމަވެސް ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
އާބަންކޯއިން ބުނި ގޮތުގައި މަންސައަކީ އާބަންކޯގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑިފޭޑި ޕްރޮޖެކްޓުގެ ދަށުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ތައާރަފުކޮށްފައިވާ ޓޯކް ޝޯ ސީރީސްއެއް ކަމުގައެވެ. އަދި އެހެން ޖަމިއްޔާތަކާ ގުޅިގެން ރައްޔިތުންނާ އެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫއުގެ ބައެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.