މުބާރާތުގެ ފައިނަލުގައި މިރޭ ސެވިއްޔާ ބައްދަލުކުރީ ހޯސޭ މޮރީނިއޯގެ އޭއެސް ރޯމާއާއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ރޯމާއިންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމަށް ލީޑުނަގައިދިނީ ޕައުލޯ ޑިބާލާއެެވެ. މިއީ ޖިއާންލޫކާ މަންޗީނީ ދިން ޕާހެއް ވަރަށް ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ޕުސްކަސް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. ސެވިއްޔާގެ ލަނޑަކީ ރޯމާއަށް ލީޑު ނަގަން އެހީތެރިވެދިން މަންޗީނީގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސެވިއްޔާގެ ކެޕްޓަން އިވާން ރަކިޓިޗް ނަގައިދިން ހުރަސް ދިފާއު ކުރަން އުޅުމުގެ ތެރޭގައި މަންޗިނީގެ ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ ބައި ގޯލަށެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެންކަމުން މުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ސެވިއްޔާ ކުރިހޯދީ 4-1 ންނެވެ. ރޯމާގެ މަންޗީނީ ޖެހި ޕެނަލްޓީ ސެވިއްޔާގެ ކީޕަރު ބޯނޯ މަތަކުރިއިރު، ރޯޖާ އިބަނޭޒްގެ ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުތީ ބޭރަށެވެ. ސެވިއްޔާ މޮޅުކޮށްދިން ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ޖެހި ގޮންޒާލޯ މޮންޓިއޭލްއެވެ. އޭނާ ފުރަތަމަ ޖެހި ޕެނަލްޓީ ރޯމާގެ ކީޕަރު މަތަކުރި ނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ލައިނުން ބޭރަށް ނުކުތުމުން އަލުން ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނެވެ. ސެވިއްޔާ ތަށި ހޯދީ މޮންޓިއޭލް ދެވަނަ ފަހަރަށް ޕެނަލްޓީ ޖަހާ، ކާމިޔާބުކޮށްގެންނެވެ.
މިއާއެކު ސެވިއްޔާ ވަނީ އެޓީމުން މުބާރާތުގެ ފައިނަލުގައި ކުޅުނު ހަތް ފަހަރުވެސް ތަށި ކާމިޔާބުކޮށް، މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމުގެ ރެކޯޑު އާކޮށްފައެވެ. އެޓީމު ވަނީ 2006، 2007، 2014، 2015، 2016، 2020 އަދި 2023 ގެ ޔޫރޮޕާ ކަޕް / ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.
އަނެއްކޮޅުން މިއީ ރޯމާގެ ކޯޗު މޮރީނިއޯގެ ކެރިއަރުގައި އޭނާއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނު ރެއެކެވެ. މިއީ ބޮޑު ޔޫރަޕިއަން ފައިނަލެއް އޭނާއަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ކުރިމަތިލި ފަސް ޔޫރަޕިއަން ފައިނަލުގައިވެސް މޮރީނިއޯ ވަނީ ކާމިޔާބު ހޯދާފައެވެ.