
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި ހިތާޅުގައި ރައީސް ވިދާޅުވީ ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، ޢާއިލާގެ ހެވަށާ، އަދި ގާތް ރަހުމަތްތެރިންނާއި، މުޅި މުޖްތަމަޢުގެ ސިއްހީ ރައްކާތެރިކަމަށް، ޓަކައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެގޮތަށް ހޭދަނުކޮށް ، އެމީހަކާ އެމީހެއްގެ އާއިލާގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމައަށް އޭގެ މަންފާކުރާނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.