މޮރީނިއޯގެ ރޯމާ ވަނީ ރޭގެ ޔޯރޮޕާ ލީގު ފައިނަލުގައި ސެވިއްޔާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފައެވެ. މިއީ މޮރީނިއޯގެ ކެރިއަރުގައި އޭނާއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނު ރެއެކެވެ. މިއީ ބޮޑު ޔޫރަޕިއަން ފައިނަލެއް އޭނާއަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ކުރިމަތިލި ފަސް ޔޫރަޕިއަން ފައިނަލުގައިވެސް މޮރީނިއޯ ވަނީ ކާމިޔާބު ހޯދާފައެވެ.
މެޗަށްފަހު މޮރީނިއޯގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ އެންމެ އަވަހަށް ކުރާނެ ކަމަކީ ޗުއްޓީއަށް ދިއުން ކަމަށެވެ. އަދި އެއަށްފަހު އެއްވެސް ޓީމަކުން ހުށަހެޅުމެއް ލިބިއްޖެނަމަ ރޯމާގެ މެނޭޖުމެންޓަށް އެކަން އަންގާނެކަމަށް މޮރީނިއޯ ބުންޏެވެ.
އަދި މިދިޔަ ޑިސެމްބަރު މަހު ޕޯޗުގަލްގެ ކްލަބަކުން ހުށަހެޅުމެއް ލިބުމުންވެސް އެކަން އެންމެ ފުރަތަމަ ހިއްސާކުރީ ޓީމުގެ މެނޭޖުމެންޓާކަން މޮރީނިއޯ ފާހަގަކުރިއެވެ.
މޮރީނިއޯ އިތުރަށް ބުނީ ކުރިއަށް އޮތް ސީޒަނުގައިވެސް އޭނާ ރޯމާގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޓީމުގެ ކުޅުންތެރިންނާއި އޭނާއަށްވެސް އެއަށްވުރެ ރަނގަޅު ގޮތްތަކެއްވުން ހައްގުކަމަށެވެ. މީގެ އިތުރުން ޓީމުގެ މޫނުމައްޗެއްގެ ގޮތުގައި ހުރެ، ދުނިޔެއާއި ކުރިމަތިލުމަށް އޭނާ މިހާރު ވަރުބަލިވެފައިވާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ. އެގޮތުން ޓީމުގައި އިތުރަށް މަޑުކުރާނީ އޭނާއަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ކްލަބުން ފޯރުކޮށްދިނުމުން ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
ރޯމާއާއެކު މޮރީނިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.