
މިއީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގެ ވޯކްޝޮޕެއްގައި އަމިއްލައަށް ބަޑި ހަދައިގެން އުޅުނު ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއެކެވެ. މި ދައުވާ ދައުލަތުން އުފުލާފައިވަނީ ހަސަން ނަސީމް ކިޔާ މީހަކާ މޫސާ ޔޫސުފް ކިޔާ މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން މި މައްސަލައިގެ ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ. މޫސާ ޔޫސުފާ ބަޑިތަކާ ގުޅުވޭނެ ހެއްކެއް ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ބުނީ ނަސީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިޔަސް، ގާނޫނަށް އައިސްފައިވާ ބަދަލާ އެކު އެ ކުށް މިހާރު ފެތެނީ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާގެ ދަށުން ބަޑި ގެންގުޅުމުގެ ކުށަށް ކަމަށެވެ. އެ ކުށުގައި އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރިޔަސް، ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އިތުރު ހުކުމެއް ނެތެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ބެލީ 2016 ވަނަ އަހަރު އެ މައްސަލާގައި ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމުން، ހައިކޯޓުން އަލުން އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކުރުމުންނެވެ.