ފަތުހުއްﷲ ސީއެންއެމް އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ ދަންވަރު 1:00 އެހާކަށް ހާއިރު ކަމަށެވެ. އަދި އެހާދިސާ ހިނިގިއިރު ކުޑަ ތިންކުދިންނާއި، 65 އަހަރުގެ ދެ މީހަކާއި އެކު ދެ އަންހެނުން އެގޭގައި ތިބި ކަމަށް ވަނީ ވިދާޅުވެފައެވެ.
އޭގޭ ތެރޭގައި ނިދަން އޮތް ދެ އަންހެނުންގެ ތެރެއިން އެކަަށް ހޭލެވުނީ ހޫނު ވެގެން ކަމަށާއި، އެއީ އެގޭ ކުއްޖަކާއި ކައިވެނި ކޮށްގެން އުޅޭ ޖަޕާނު އަންހެން ކުއްޖެއް ކަމަށް ފަތުހުއްﷲ ވިދާޅުވިއެވެ.
އެ ކުއްޖާ ހަވާލާދީ ފަތުހުއްﷲ ވިދާޅުވީ ހޫނުވެގެން ބޭރަށް ނުކުތް އިރު ކަރަންޓް މީޓަރުގައި އަލިފާން ހިފާފައިވާތަން ފެނުނު ކަމަށާއި، އޭރު ކައިރީގައި ހުރި ސީޓްތަކުގައިވެސް އަލިފާން ހިފާފައިވާތަން ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ދެން އަވަސްވެގަތީ ގޭތެރޭގައި ނިދާފައި ތިބި އެންމެން އަވަސްއަވަހަށް ބޭރަށް ނެރުމަށް ކަމަށްވެސް ފަތުހުއްﷲ ވިދާޅުވިއެެވެ.
އޭރު އަލިފާން ދިޔައީ ރޯވަމުން ކަމަށާއި، އެގޮތަށް އަލިފާން ރޯވުމުން ދަނިކޮށް އަވަސް އަވަރަށް އެންމެން ބޭރަށް ނެރުމުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ގެއަކީ ޒަމާނީ ވަސީލަތްތަކާއި އެކު ހަދާފައި ހުރި ގެއެެއް ކަމަށް ވިދާޅުވަމުން ފަތުހުއްﷲ ފާހަގަކުރެއްވީ، އެގޭ އެއްކޮށް އަދާހުލިވެފައިވާއިރު، އޭގޭގައި 5 ކޮޓަރި ހުރިކަމަށެވެ. އަދި އެ ކޮޓަރި ތަކުގައި އެސީތައް ހަރުކޮށްފައިވާ ކަމަށާއި، އެގޭގައި ބޭނުންކޮށްފައިވާ ފަރުނީޗަރު ތަކަކީ ޒަމާނީ ފަރުނީޗަރު ތައް ކަމަށެެވެ.
އެހެންކަމުން އެގެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަން ފާހަގަކުރައްވަމުން ފަތުހުއްﷲ ވިދާޅުވީ މިހާރު މިދަނީ ގެއަށް ލިބިފައިވާ ގެއްލުމުގެ އަދަދު ބަލަމުން ކަމަށެވެ.
އަދި ޑިޒާސްޓާ މެނޭޖުމެންޓްވެސް އޭގޭގެ ހާލަތު ބަލުންދާ ކަމަށް ވިދާޅުވެފައި ވެއެވެ.