ads
މިއުވާން
މަޖިލިސް ސްލޯވުމުން ސަރުކާރަށް އުނދަގޫވޭ: މިއުވާން
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ސަރުކާރުގެ މަސައްކަތްތަކަށް ބުރޫ އަރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް އެކުލަވާލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް މަޑުޖެހި ކޮމިޓީތަށް ކުރިއަށް ނުގެންދެވިފައިވަނީ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވުމާއި ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު އެވެ. އެއާއެކު ކޮމިޓިތަކުގައި ޕާޓީތައް ތަމްސީލްކުރާ މެންބަރުން ހިމެނޭގޮތް ބަދަލު ކުރަން ޖެހުމުންނެވެ. 

ކޮމިޓީތަކަށް ބަދަލު ގެންނަން ކުރެވުނު އެއްވެސް މަސައްކަތަކުން އަދި އެއްވެސް ނަތީޖާއެއް ނެރެވޭ ގޮތެއް ނުވެ އެވެ. 

މިއުވާން ވިދާޅުވީ މަޖިލީހަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި މަސައްކަތްކުރާ ދައުލަތުގެ ބާރަށްވާއިރު މަސައްކަތްތައް މަޑުޖެހި މަޖިލިސް ހުއްޓިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ބިލުތަކެއްގެ މަސައްކަތްތައްވެސް ހުއްޓިފައިވާކަން މިއުވާން ފާހަގަ ކުރެއްވި އެވެ. 

"ސަރުކާރުގެ ކަންބޮޑުވުން އެބަހުރި. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި މަޑުޖެހި އަދި ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެބަދިމާވޭ،" - މިއުވާން

މިއުވާން ވިދާޅުވީ ނިމިގެން ދިޔަ ހަފްތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް އިގްތިސޯދާއި ގުޅުންހުރި ބައެއް ބިލުތަކުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ކަމަށެވެ. 

މަޖިލީހުގެ އެކި ކޮމިޓީތަކުގައި ކުރިއަށް ނުގޮސް ހުރި މުހިންމު ބިލުތަކެއް މިއުވާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު، ޖަނަވާރުގެ ސިއްހަތު ބިލު، އިންޝުއަރެންސް ބިލު އަދި މީގެ އިތުރުންވެސް މުހިންމު އެތައް ބިލެއް ހިމެނޭކަމަށް މިއުވާން ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ އަންނަ ހަފްތާގެ ތެރޭގައި ކޮމިޓީތަށް އެކުލަވާލުމުގައި ގޮތެއް ނުނިމިއްޖެ ނަމަ އެޕާޓީން ދެން އަމަލު ކުރާނެ ގޮތް ނިންމާނެ ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް