ads
ހެރީ ކޭން ޔުނައިޓެޑުގެ ޖޯޒީގައި (ހަދާފައިވާ ފޮޓޯއެއް)
ކޭންވެސް ބޭނުންވަނީ ޔުނައިޓެޑަށް ބަދަލުވާން
ހެރީ ކޭންވެސް ދާން ބޭނުންވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކަމަށް ކޭންއާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

އަންނަ ސީޒަންގެ ނިޔަލަށް ޓޮޓެންހަމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގައި ޔުނައިޓެޑަށް ކޭން ބަދަލުވާނެ ކަމުގެ އަޑުތައްވަނީ ގަދަވެފައެވެ. މި އަޑުތައް ގަދަވެފައިވަކޮށް އެންމެ ފަހުން ލިބެން ފެށި ރިޕޯޓްތަކަކީ، ކޭންވެސް ޔުނައިޓެޑަށް ބަދަލުވާން ބޭނުން ކަމުގެ ރިޕޯޓްތަކެވެ.

ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އަގަކަށް، އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން، ޓޮޓެންހަމުން މެންޗެސްޓަރ ޔުނައިޓެޑަށް ގެންނާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުގެ ކޯޗު ޓެން ހޭގަށް ކްލަބުން ދީފައިވާ ކަމަށް ކުރީގެ ބައެއް ރިޕޯޓްތައްވަނީ ބުނެފައެވެ.

އިގިރޭސި ނޫސް، ދަ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ ކޭން އަންނަ ސީޒަންގައި ޔުނައިޓެޑަށް ގެނައުމުގެ ޑީލަކީ ކަށަވަރު ޑީލެކެވެ. އަދި ސީޒަން ނިމުމުގެ ކުރިން އެކަން ރަސްމީކޮށް ހާމަ ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 29 އަހަރުގެ ކޭންއަކީ، އިގިރޭސި ގައުމީ ޓީމަށްވެސް މިހާރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ.

ކޭން ޔުނައިޓެޑަށް ބަދަލުވާނެ ކަމުގެ އަޑުތައް އަރާފައިވަނިކޮށް، ކޭން ހޯދުމުގެ ރޭހަށް ސްޕެއިންގެ ރިއާލް މެޑްރިޑުންވެސްވަނީ ވަދެފައެވެ. އެކަމަކު ކޭންގެ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނަނީ ޓޮޓެންހަމް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނަމަ ކޭން ބަދަލުވާން ބޭނުންވަނީ ޔުނައިޓެޑަށް އެކަންޏެވެ. އެހެން ނޫންނަމަ އަދި އިތުރު އެއް ސީޒަން ކުޅެ، ކޮންޓްރެކްޓްގެ މުއްދަތު ހަމަކޮށް ފްރީ އެޖެންޓެއްގެ ގޮތުގައި ޔުނައިޓެޑަށް ބަދަލުވާން ކޭން މަޑު ކުރާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް