
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް އަތުލައިގަތް ނެޓްވޯކުގެ އިސް މީހާގެ ބަންދަށް މިދިޔަ ހަތްފާގައި 15 ދުވަސް ޖަހާފައިވާއިރު، އެ ގްރޫޕުގެ އެހެން ބައެއް މީހުންގެ ބަންދަށް 30 ދުވަސް، އަދި ބައެއް މީހުންގެ ބަންދަށް 10 ދުވަސް ބުރާސްފަތި ދުވަހުވަނީ ޖަހާފައެވެ. އަދި ކުރިން ހައްޔަރު ކުރެވުނު ބައެއް މީހުން ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައިވެސްވެއެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް ފިރިހެނެއް
ހަށި ވިއްކުމުގެ ނެޓްވޯކް ތެރެއިން ހައްޔަރުކުރި ބަންގލަދޭޝްގެ އެކަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެހެންކަމުން އޭނާ ރާއްޖޭގައި އުޅެނީ ރެސިޑެންޝަލް ވިސާއެއްގެ ދަށުން ކަމަށް ބެލެވެއެވެ. މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާއަކީ ރާއްޖޭގައި ވިޔަފާރި ކުރާ މީހެކެވެ.
އޭނާ ކުރަނީ ކޮން ވިޔަފާރިއެއްކަން ރަސްމީ ސިފައެއްގައި ނޭނގުނަސް، ހަށިވިއްކުމުގެ ވިޔަފާރީގައި އޭނާ ބައިވެރިވާ ކަމަށް ތުހުމަތު ކުރެވި ހައްޔަރު ކުރިއަސް، ފަހުންވަނީ ދޫކޮށްލާފައެވެ. މިއީ 35 އަހަރުގެ މީހެކެވެ.
ހަށިވިއްކުން މާކެޓް ކުރުމަށް މާކެޓިން ޓީމެއްވެސް އޮވޭ
ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާއިރު، މި ނެޓްވޯކްގެ މަސައްކަތްތައް އޮންނަނީ ބަހާލާފައެވެ. ނެޓްވޯކްގެ އެކި މެންބަރުންނަށް އޮންނަނީ އެކި ޓާސްކެވެ. އެކަކަށް އޮންނަނީ ގެސްޓް ހައުސްގެ މަސައްކަތްތަކެެވެ.
ހަށިވިއްކުން އިސްތިހާރުކޮށް، މީހުން ހޯދުމަށްވެސް މި ނެޓްވޯކްގައި ޓާސްކް ހަވާލުކޮށްފައި އޮވެއެވެ. އަދި ހަށިވިއްކާ ކުދިންގެ ޓްރާންސްޕޯޓްކަންތަކަށްވެސް ވަކި ބަޔަކު ތިބޭ ކަމަށްވެއެވެ. މި ނެޓްވޯކުން ބޭނުންކުރާ ގެސްޓްހައުސްއަކީ ހުއްދަ ހޯދައިގެން ހިންގާ ގެސްޓް ހައުސްއެއްވެސް ނޫނެވެ.
ދެމަފިރިން އެކުގައިވެސް މިކަމުގައި އުޅޭ؟
ހަށިވިއްކުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް އަންހެނަކު ހިމެނެއެވެ. މި އަންހެން މީހާގެ ވާހަކައިން އެނގޭ ގޮތުގައި އޭނާ ރާއްޖެއަައީ އޭނާގެ ފިރިމީހާއާއެކު ޗުއްޓީއަށެވެ. އެހެންނަމަވެސް އެ ވާހައިގައި ހަގީގަތެއް ނޭގެއެވެ.
ފުލުހުން މި އަންހެން މީހާގެ މައްޗަށްވެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކާކަމުގެ ތުހުމަތު ކުރެއެވެ.
ހަށިވިއްކާ ތައިލެންޑު އަންހެނުން
އަތުލައިގަތް ނެޓްވޯކުގައި ހިމެނޭ ތައިލެންޑްގެ އެއް އަންހެނަކު އަތުލައިގެންފައިވަނީ ރެޑް ހޭންޑްކޮށެވެ. ބަރަހަނާ ހާލުގައި އަތުލައިގެން މި އަންހެން މީހައަކީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާއަކީ ހަށިވިއްކާ މީހުން ހަދައިގެން އުޅޭ ސޯޝަލް މީޑިއާ ޗެޓް އެޕްލިކޭޝަން ގްރޫޕްތަކުގައި ހިމެނޭ މީހެކެވެ.
ޗުއްޓީއަކަށް ރާއްޖެއައިސް ހުރި ގެސްޓްހައުސްއަކީ މި ކަން ހިނގި ގެސްޓްހައުސްކަމަށް ވެ، އޭނާގެ ކުށެއް ނެތި ހައްޔަރު ކުރި ކަމަށްވެސް ތައިލެންޑްގެ އެހެން ދެ އަންހެނަކު ބުނެފައިވެއެވެ.
މިދިޔަ މަހު ފުލުހުންގެ އޮޕަރެޝަނެއްގައި ހަށި ވިއްކާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމަށް ފަހު ބުނީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރިއރު އޭގެތެރޭގައި ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުން ހިމެނޭ ކަމަށެވެ.
ހަށިވިއްކާކަމަށް ތުހުމަތު ކުރެވޭ ބަޔަކު ރޭ ހައްޔަރުކުރި އިރު، މާލޭގައި ފާޅުގައި ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި، ހަށިވިއްކުން އިސްތިހާރުކުރާ މައްސަލަ މިފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ.
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟