
މި ސީޒަންގައި ބާސެލޯނާ ވަނީ ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ. އެހެންކަމުން މިއަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. ނަމަވެސް އެޓީމު އަންނަނީ ގިނަ މާލީ ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ޓީމަށް އަލުން ނުގެންދެވިގެން އުޅެނީވެސް މާލީ ހާލަތު އެކަމަށް ތަން ނުދޭތީއެވެ.
ބާސެލޯނާއަށް މިއަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގު ނުކުޅެވިދާނެ ކަމުގެ ބިރު އޮތީ އެޓީމުގެ މައްސަލައެއް ޔުއެފާއިން ބަލަމުން ދާތީއެވެ. އެޓީމުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި، ސްޕެނިޝް ރެފްރީންނާއި ގުޅުން އޮތް ކުންފުންޏަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ޔުއެފާއިން މިހާރު އަންނަނީ ބަލަމުންނެވެ.
މި މައްސަލަ ބެލުމަށްފަހު ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ނުކުޅެވޭ ގޮތަށް ޔުއެފާއިން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހާލަތުގައި ކަންކުރާނެ ޕްލޭން ބީއެއް ބާސެލޯނާއިން މިހާރު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެކްލަބުގެ މެޗުތައް އެެހެން މުބާރާތެއް ކުޅެގެން ސްޓްރީމްކޮށް ޓީވީން ހޯދަމުން އަންނަ އާމްދަނީ ދެމެހެއްޓުމަށް އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ބާސެލޯނާ ވާދަކުރާނީ އޭޝިއަން ޗެމްޕިއަންސް ލީގުގައި ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.