ads
ކުނި ބިލާއި ކަރަންޓު ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯ އާއި ސްޓެލްކޯއިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ވާހަކަދައްކަވަނީ - ފޮޓޯ:ސްޓެލްކޯ
ކުނި ނުއުފައްދާ ތަންތަނުގެ މައުލޫމާތު ހިއްސާކުރަން ސްޓެލްކޯއިން އެދެފި
ކުނި ނުއުފައްދާ ތަންތަނުގައި ހުންނަ ކަރަންޓު މީޓަރުގެތަކުގެ މައުލޫމާތު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހިއްސާ ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެދެފިއެވެ.

ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނިމިދިޔަ މަހުގެ ކަރަންޓު ބިލުގައި ވެމްކޯއިން ދެމުން އަންނަ ހިދުމަތުގެ ބިލު ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ސްޓެލްކޯއަށް މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލައި، ލިފްޓުތަކާއި ސާވިސް މީޓަރުތަކުގެ އިތުރުން ކުނި ނުއުފެދޭ ތަންތަނުގެ ކަރަންޓު ބިލުތަކުގައި ކުނީގެ ހިދުމަތަށް ނަގާ އަގު ހިމަނާފައި ނުވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެއްވެސް ސަބަބަކާ ހުރެ އެފަދަ ތަނެއްގެ މައުލޫމާތު ހިއްސާނުކޮށް ވާނަމަ ވީހާވެސް އަވަހަކަށް އެ މައުލޫމާތު ވެމްކޯ އާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އެފަދަ ތަންތަނުގެ މައުލޫމާތު ވެމްކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުން، ވެމްކޯއިން އެފަދަ ތަންތަނަށް ގޮސް، އެ ތަނެއް ދިރާސާ ކުރުމަށްފަހު އުސޫލުގެ ތެރެއިން ބިލުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ސްޓެލްކޯ އާ ގުޅިގެން ކުރިއަށް ގެންދާނެއެވެ.

މާލެ ސަރަހައްދުގައި ވެމްކޯއިން ދޭ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތަށް ކުރާ ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނީގެ ދެމެދުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ކަރަންޓު މީޓަރު ހަރުކޮށްފައި ހުރި ކޮންމެ ގޭބިސީއަކަށް ސްޓެލްކޯއިން ފޮނުވާ ބިލުގައި ކުނި ބިލް ހިމަނާއިރު، އެކަމަށް ގޭބިސީތަކުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް، ވިޔަފާރިތަކުގެ ކަރަންޓު ބިލުގައި ކުނި ބިލް ހިމަނާނީ ރަޖިސްޓްރީ ކުރުމުންނެވެ.

ވެމްކޯ އާއި ސްޓެލްކޯއިން ވެސް ވަނީ މި ފަދަ ހިދުމަތެއްގެ ދޭން ފަށާއިރު ދިމާވެދާނެ މައްސަލައެއް ހައްލުކުރުމަށް ނުވަތަ ޝަކުވާއެއް ވާނަމަ އެކަމަކާ ގުޅޭގޮތުން އެ ދެ ކުންފުންޏާ މުއާމަލާތުކުރުމަށް އެދިފައެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލުގައި ވެމްކޯއިން ދެމުން އަންނަ ހިދުމަތުގެ ބިލު ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެފަހުގެ ތައްޔާރީތައް ސްޓެލްކޯއިން ވަމުން އަންނައިރު، ވެމްކޯއިން މީގެކުރިން ބުނެފައިވަނީ ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ގެތަކަށް ކުނީގެ ބިލް ނުފޮނުވާނެ ކަމަށާއި ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާފައިވާ ނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ވެމްކޯއިން ބުނީ ކުނީގެ ހިދުމަތަށް ނަގާ ފީ ގެ ގޮތުގައި ނަގާނީ 150 ރުފިޔާ ކަމަށާއި އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93 ރުފިޔާ ކަމަށެވެ. އެއީ އަހަރަކަށް ޖެހޭ މިންވަރު 1،800 ރުފިޔާ، 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް ޖެހޭ މިންވަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް