
227 ބްލެޓު ދިރުވާލައިގެން ނެގައީ ޕާކިސްތާނުގެ ހަތަރު މީހަކު ވެގެންނެވެ. އެއީ އަންހެނަކާ ތިން ފިރިހެނުންނެވެ.
މި މީހުން ހައްޔަރުކުރީ މި ދިޔަ ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ގްރޫޕުގެ ބަންދު މުއްދަތު ހަމަ ވެގެން ހުކުރު ދުވަހު ކޯޓަށް ގެންދިޔުމުން އެންމެވެސްވަނީ 30 ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން މީހާ ބޮޑުކަމުދިޔަ އިރު މަސްތުވާތަކެތި ހުރި 10 ބުލެޓް ފެނިފައިވެ އެވެ. މި ތަކެތީގެ ބަރުދަނުގައި 157 ގްރާމް ހުއްޓެވެ. އަނެއް ތިން މީހުންގެ ތެރެއިން އެކަކު، ބޮޑުކަމުދިޔައިރު 75 ބުލެޓް އަނެކަކުއ 62 ބުލެޓް އަދި ތިންވަނަ މީހާ 80 ބުލެޓް ދިރުވާލައިގެން ރާއްޖެ ގެނެސްފައިވެއެވެ. މި ތަކެތީގެ ބަރުދަން ކިލޯއަކަށްވުރެ ބަރެވެ.
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. މިގޮތަށް އަތުލައިގެންފައިވާ އެތައް ބައެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.