
ރާމޯސް ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. މި ކޮންޓްރެކްޓް އިތުރު އެއް އަހަރަށް ދިގުދަމާލުމުގެ ފުރުސަތު އޮތް ނަމަވެސް ރާމޯސް ވަނީ އިތުރަށް ޓީމުގައި މަޑު ނުކުރަން ނިންމާފައެވެ. އޭނާއާއެކު އޭރު ޕީއެސްޖީއަށް ބަދަލުވި ލިއޮނެލް މެސީވެސް ވަނީ ޕީއެސްޖީ ދޫކޮށްލުމަށް ނިންމާފައެވެ.
ޕީއެސްޖީގައި ރާމޯސްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައެއް ހޭދަކުރަން ޖެހުނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 44 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ.
ޓީމު ދޫކޮށްލަން ނިންމުމަށްފަހު ރާމޯސް ބުނީ މިއީ އޭނާގެ ކެރިއަރުގެ މުހިންމު ސްޓޭޖެއް ނިމުމަކަށް ގެންނަ ހާއްސަ ދުވަސް ކަމަށެވެ. ރާމޯސްގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލް މެޑްރިޑްގައެވެ.