
ކްރިމިނަލް ކޯޓުގައި މާދަމާ މި މައްސަލަ ހިންގުމަށް ނިންމާފައިވަނީ ހެނދުނު 10 ޖަހާއިރު އޮންލައިންކޮށެވެ. އެހެންކަމުން މި ޝަރީއަތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނީ މާފުށީ ޖަލުގައި ހުންނަވައިގެން އޮންލައިންކޮށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރި މައްސަލައިގައި އެންމެ ފަހުން އޮތް އަޑު އެހުމުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ބޭންކް ސްޓޭޓުމަންޓްތައް ހޯދިގޮތް ގޯސްވެ، ފުލުހުން އަމަލުކުރި ގޮތުން މުޅި އިގުތިސޯދަށް އޭގެ ގެއްލުން ލިބޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވަނީ ވިދާޅުވެފައެވެ. އެންމެ ފަހު އަޑު އެހުން އޮތީ މިދިޔަ ހަފްތާގައެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މުޅި އިގުތިސޯދަށް ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ގެއްލުން ލިބޭ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި މިދިޔަ ހަފްތާގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.
ޔާމީން އަދި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި އެއް ހުށަހެޅުމަކީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ޔާމީން ވިދާޅުވީ ބޭންކުން ހޯދާފައިވާ ސްޓޭޓްމަންޓުގެ ތެރޭގައި 2010 އިން ފެށިގެން ހިމެނޭ މުއާމަލާތްތައް ވެސް ހިމެނޭ ކަމަށެވެ.
ދައުލަތުން ހޯދި ހެކިތަކަށް އިއުތިރާޒުކޮށް ޔާމީން އަދި ކްރިކްގެ ފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އަދި ޝަރީއަތުގައި އިއްވީ ހިޔާނާތް ތަހުގީގުކުރަން ރައީސް ސޯލިހު އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން ފިޔަވައި އެހެން ތަހުގީގު އިދާރާތަކުން ހޯދި ހެކިތަކާއި، ބޭންކުން ހޯދި ހެކިތައް ބަލައިނުގަތުމުގެ ހުށަހެޅުމެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިހާރުވެސް ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި އެމަނިކުފާނުގެ އިތުރުން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކޮށްފައިވާ ދައުވާ މިހާރު ދަނީ ހިގަމުންނެވެ.