ads
ސިޓީގެ ދެލަނޑުވެސް ޖަހައިދިނީ ގުންޑޮގާން
ޔުނައިޓެޑް ރޮއްވާލާ، ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފި
ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށްފަހު މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕްގެ ތަށި އުފުލާލައިފިއެވެ.
Advertisement

ޔުނައިޓެޑްގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ 2-1 ންނެވެ. ސިޓީގެ ދެލަނޑުވެސް ޖަހައިދިނީ ޓީމުގެ ކެޕްޓަން އިކާއި ގުންޑޮގާންއެވެ. ސިޓީން ވަނީ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހާ އަވަސް ލީޑެއް ނަގާފައެވެ. ކެވިން ޑި ބްރައިން ބޮލުން ޖައްސާލި ބޯޅަ އޭރިއާ ބޭރުގައި ހުރެފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ގުންޑޯގާންއެވެ. މިއީ އެފްއޭ ކަޕްގެ ފައިނަލުގެ އެންމެ އަވަހަށް ޖެހި ލަނޑެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 33 ވަނަ މިނެޓުގައި، ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ފުރަތަމަ ހާފު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. 

ސިޓީ މޮޅުކޮށްދިން ލަނޑު ދެވަނަ ހާފުގައި ގުންޑޯގާން ޖެހީވެސް ޑި ބްރައިން ދިން ޕާހަކުންނެވެ. އެލަނޑުވެސް އޭނާ ކާމިޔާބުކުރީ އޭރިއާ ބޭރުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. 

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ސިޓީންނެވެ. ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގިފަހުން، ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑަށް ރަނގަޅު ދެފުރުސަތެއް ލިބުނެވެ. ނަމަވެސް މާޝިއަލް ރަޝްފޯޑާއި އަލެހާންޑްރޯ ގާނާޗޯ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. 

މިއީ ބޮޑު މުބާރާތެއްގެ ފައިނަލުގައި މި ދެޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސިޓީން ވަނީ 11 ފަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށް، ހަފަހަރު މުބާރާތުގެ ތަށި އުފުލާލާފައެވެ. 

ޔުނައިޓެޑަކީ އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކުރި ދެޓީމުގެ ތެރެއިން އެއް ޓީމެވެ. ޔުނައިޓެޑާއި އާސެނަލުންވެސް ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއީ ޔުނައިޓެޑްގެ 21 ވަނަ އެފްއޭ ކަޕް ފައިނަލެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް