
އައްޑޫގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައި ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫއެވެ.
ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއު ދަށުން ހިތަދޫ އާއި ފޭދޫ ޒޯންގެ މަޝްރޫއު ފަށްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދާއި އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއާ ގުޅޭގޮތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމުގެ މަގުސަދަކީ އިންވެސްޓަރުން ޝައުގުވެރިކުރުވަން ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި ތަރައްގީކުރުން ކަމަށެވެ. ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ ހުރިހާ ބިމެއްގެ ޕްލޮޓުތައް މިހާރު އެވޯޑްކޮށްފައިވާކަމަށް ޝުއާއު ވިދާޅުވިއެވެ.
ޝުއާއު ވިދާޅުވެފައިވަނީ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް އިންވެސްޓަރުން ގެނައުމަށް ސަރުކާރުން އެހީވަމުން އަންނަ ކަމަށެވެ. އެގޮތުން ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންވެސްޓަރުންނަށް ލިބިގެންދާނެ ބޮޑު އުންމީދެއް ކަމަށް ޝުއާއު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ބޭނުންވާ ކުރެހުންތައް މިހާރު ވަނީ ފާސްކޮށްފައެވެ. ޒޯންތައް ތަރައްގީކުރުމަށް ނިންމާފައިވާ ރަށްތަކުގައި ކަނޑައަޅާފައިވާ ޕްލޮޓްތައް ސާފުކޮށް، އެ ތަންތަނުގައި ގެސްޓް ހައުސް އާއި ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ގާއިމުކުރަން ވަނީ ފަށާފައެވެ.
ޝުއާއު ވިދާޅުވި ގޮތުގައި ޓޫރިޒަމް ޒޯންތަކުން ޕްލޮޓް ލިބިފައިވާ މީހުންނާއި ސިޓީ ކައުންސިލާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އަންނަ އަހަރުގެ ތެރޭގައި އެ ތަންތަނުން ހިދުމަތް ލިބިގެން ދިއުމަކީ އުންމީދެއް ކަމަށް ޝުއާއު ވިދާޅުވިއެވެ.