
ޗެލްސީއަށް ކުޅުމަށްފަހު އުމުރުން 32 އަހަރުގެ ހަޒާޑް ރެއާލް މެޑްރިޑާއި ގުޅުނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ރެއާލްގައި އޭނާގެ ފަރާތުން އުންމީދު ކުރިވަރުގެ މޮޅު ކުޅުމެއް ހަޒާޑަށް ދެއްކިފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހޭދަ ކުރަން ޖެހުނެވެ.
އެހެންކަމުން ރެއާލްއިން މަސައްކަތް ކުރަމުން އައީ އޭނާ ވިއްކާލުމަށެވެ. ނަމަވެސް އޭރު އޭނާ ވަނީ ރެއާލް ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.
ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވާ، މިމަހުގެ 30 އަށްފަހު ހަޒާޑު ކްލަބު ދޫކޮށްލަން ނިންމީ ދެފަރާތުން އެއްބަސްވެގެންނެވެ. މި ސީޒަންގައިވެސް ހަޒާޑަށް ރެއާލްގައި ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ ފަސް މެޗުގައެވެ. ހުރިހާ މެޗެއް ޖުމްލަކޮށް ހަޒާޑް މި ސީޒަންގައި ކުޅެފައިވަނީ އެންމެ 133 މިނެޓެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަޒާޑާއި ޓީމުގެ ކޯޗު ކާލޯ އަންޗެލޯޓީ އާއި ދެމެދު ރަނގަޅު ގުޅުމެއް ނެތެވެ.
ކްލަބު ދޫކޮށްލަން ހަޒާޑް އެއްބަސްވެފައި ވާއިރު، ރެއާލް ދޫކޮށްލުމަށްފަހު އޭނާގެ ކްލަބު ފުޓްބޯޅަ ކެރިއަރު ނިންމާލުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.