
ބާސެލޯނާއިން މުބާރާތުގެ ތަށި އުފުލާލީ ވުލްވްސްބާގާއި ބައްދަލުކުރި ފައިނަލް މެޗު 3-2 ން ކާމިޔާބު ކޮށްގެންނެވެ. ވުލްފްސްބާގުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑުޖަހާ ރަނގަޅު ލީޑެއް ނަގާފައެވެ.
އެޓީމުގެ ފުރަތަމަ ލަނޑަކީ ބާސެލޯނާގެ ޑިފެންސް ލައިނުގައި ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން އީވާ ޕޭޖާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން، ވުލްފްސްބާގަށް ލީޑު ފުޅާ ކޮށްދިނީ އަލެކްސަންޑްރާ ޕޮޕްއެވެ. އެއީ ފުރަތަމަ ލަނޑު ޖެހި ޕޭޖާ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ބާސެލޯނާގެ ތިން ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ދެލަނޑު ޖަހާ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޓްރީސިއާ ގުއިހާރޯ ގުޓިއަރޭޒްއެވެ. އެޓީމު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ފްރިޑޮލީނާ ރޮލްފޯއެވެ.
މިއާއެކު ބާސެލޯނާ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގު އަންހެން ޑިވިޝަނުގެ ތަށި ދެފަހަރަށް ކާމިޔާބު ކޮށްފައެވެ. ވުލްފްސްބާގުންވެސް މުބާރާތުގެ ތަށި ދެފަހަރު ކާމިޔާބު ކޮށްފައިވެއެވެ. މި ސީޒަންގެ ސްޕެނިޝް ލަލީގާވެސް ކާމިޔާބުކުރީ ބާސެލޯނާއިންނެވެ.