
އައްޑޫ ސީޓީއަށް މިހާރު ލިބެމުންދާ ތަރައްގީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މިރޭ ހަވާ އަރުވަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫ ސިޓީގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާއިރު ރައީސް ސޯލިހު ވަނީ އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.
ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫ މިހާރުވަނީ ރަސްމީކޮށް ފައްޓަވާދެއްވާފަ އެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ މިއަދު ރައީސް ސޯލިހު ފައްޓަވާދެއްވާނެ އެވެ.
އައްޑޫ ބިން ހިއްކުން ފައްޓާފައިވަނީ އައްޑޫ މަރަދޫ އިންނެވެ. އައްޑޫގައި ހިންގާ އެހެން މަޝްރޫތައްވެސް ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ބައްލަވާލައްވާނެ އެވެ. އަދި ރައްޔިތުންނާ ބައްދުލު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ އެކި ރަށްރަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާއިރު އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ އެވެ.
އަދި މަރަދޫއާއި މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވަނީ ހަމަޖެހިފައެވެ.