
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯތުން ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައެވެ.
މި ހުކުމާ ގުޅިގެން ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތުވަނީ ބަންދުވެފައެވެ.
މި މައްސަލައިގެ އިސްތިއުނާފު އަޑު އެހުން ހައިކޯޓުގައި އަންނަ ބުދަ ދުވަހު ފަށަން ތާވަލުކޮށްފައިވާކަން، ހައިކޯޓުގެ މީޑިއާ އޮފިސަރު މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައިވަނީ ހާމަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ.