މިއަދު ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗީފް ޑެލިވަރީ އޮފިސަރު އާނިޝް އެންތަނީއެވެ.
އާބަންކޯއިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނާއި ޓީ-ހަބް ފައުންޑޭޝަން އާ ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފާ ކުރެވިގެންދާނެ ކަމަށެވެ. އެއްބަސްވުމާ އެކު ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އިކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނާއި ޓީ-ހަބް ފައުންޑޭޝަން އާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އާބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފު ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ހުރިހާ ގޮތަކުންވެސް ރައްޔިތުން ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމުގައެވެ.