ޗާގޯސް މައްސަލާގައި ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރިއެވެ.
ނަމަވެސް ބަންޑާރަ ނައިބު ލިއުމުން ޖަވާބު ހުށަހަޅުއްވާފާވާތީ އުފެދުނު ހިޔާލު ތަފާތުވުމުގައި އެދުވަހު އެ މައްސަކަ ކުރިއަށް ނުގެންދިޔައެވެ.
މިމައްސަލާގައި މިދިޔަ ބްރާސްފަތި ދުވަހު ރިފްއަތު ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މަޖިލީހުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންންފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި، ލިއުމުން ޖަވާބުދެއްވީ، އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ، އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއްކަމަށް ވެފައި، އެމައްސަލާގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ވާޖިބު އަދާކުރުމުގެ ގޮތުން ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ވާގޮތުގެ މަތިން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުން ގެންދާތީ، އެކަން ތަފްސީލްގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް ބުދަ ދުވަހު ބޭއްވުނު ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ ނިމިގެން ދިޔައިރުވެސް ލިއުމުން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ލިބިދީފައި ނުވާކަމަށް ބަންޑަރަ ނައިބުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ދިފާއުގައި އަނގަބަހުން ވަޖާބު ދިނުމަށް ލިބިދީފައިވާ ހައްގުވެސް އިހްތިޔާރުކޮށް ދެން އެމައްސަލައިގެ ބަހުސް އޮންނަ ދުވަހު، މަޖިލީހަށް ހާޒިރުވެ، އަނގަބަހުން ދިފާއިވުމުގެ ފުރުސަތު ހަމަޖައްސާ ދިނުމަށް އެދޭކަމަށް ބަންޑާރަ ނައިބުގެ ސިޓީގައި އެދިވަޑިގެންފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ވަޒީރު ވަޑައިގެން ޖަވާބު ދެއްވާނެ ކަމަށް ނިންމާފައިވަނިކޮށް ލިޔުމުން ޖަވާބު ދެއްވުމުން އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އެމައްސަލާގައި މަޖިލީހުގެ ރައީސް ނިންމެވީ ސްޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯއް ދެވުމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ލަފާ މަޖިލީހަށް ލިބޭނީ ލަފާ ހޯދަން މަޖިލީހުން ފާސްކުރުމަށް ހުށަހަޅާ ފާސްވުމުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.