
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރަމުންދާއިރު، ލަމްހާ ހުރި ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ.
އަދި ހުއްދަ ނޫން އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދައުވާތަކެއް އޭނާގެ މައްޗަށް ކުރެ އެވެ. މި މައްސަލައިގައި މޭރީގެ ފިރިމީހާގެ މައްޗަށް މޭރީ މަރާލިކަމުގެ ދައުވާ ކުރެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ބަންދަށް ލުޔެއް ދޭން އޭނާގެ ފަރާތުން ކުރިން އެދިފައިވާތީ ބަންދަށް ލުއި ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އޮތީ ވިދާޅުވެފަ އެވެ. މި މައްސަލައިގައި މިއަދު އޮތް އަޑު އެހުމުގައި ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ޝަރީއަތުންވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ކުރިން އޮތް ޝަރީއަތެއްގައި ލަމްހާގެ މައިބަދައިގެ މައްސަލައަކާ ހެދި، ޑޮކްޓަރުންގެ ލަފައާ ގުޅިގެން ލަމްހާގެ އަންނައުނު ދޮވެ ދިނުމުގެ މަސައްކަތް ކަރެކްޝަންސްއިން ހިލޭ ކޮށްދޭ ކަމަށްވަނީ ބުނެފައެވެ.
ކުރިން އޮތް ޝަރީއަތެއްގައި ލަމްހާ ބުނިގޮތުގައި ޖަލުގައި ދެން ތިބޭ މީހުންގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް އޭނާއަކަށް ނުލިބެ އެވެ. އެއީ އޭނާއަކީ ކުށްވެރިއެއް ކަމަށް މީޑިއާގައި މަޝްހޫރުވެފައި އޮތުމުން ކަމަށް ބުންޏެވެ.