
ފްރާންސްގެ ޕީއެސްޖީއާއެކު ހަދާފައިވާ ދެ ސީޒަންގެ ކޮންޓްރެކްޓްގެ ފަހު މެޗު ރޭ މެސީވަނީ ކުޅެފައެވެ. އަދި މިހާރު މެސީ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން، މެސީގެ ޑީލް މިހާރުވަނީ ނިމިފައެވެ. އަދި އަންގާރަ ދުވަހު ރަސްމީކޮށް އަލް ހިލާލުން އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލްނަސްރުގެ ވާދަވެރި، އަލް ހިލާލްއިން، މެސީއަށް ހުށަހަޅާފައިވަނީ ދުވާލަކަށް އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެކެވެ. އެއީ ދުނިޔޭގެ ރެކޯޑް އަގެއް ކަމުގައިވާ އަހަރަކު 400 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެކެވެ.
އަލް ހިލާލުން މެސީއަށް ހުށަހަޅާފައިވަނީ މި ވަގުތު ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެތްލީޓުގެ ގޮތުގައި ހުރި ރޮނާލްޑޯއަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ދޭ މުސާރައަށްވުރެ މާ ބޮޑު މުސާރައެކެވެ. ރޮނާލްޑޯއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މުސާރަ ބޮޑު އެތްލީޓުގެ ގޮތުގައި ފޯބްސް މަޖައްލާއިންވަނީ ފާހަގަކޮށްއެވެ. އެހެންނަމަވެސް މެސީއަށް ހުށަހަޅާފައި މިވާ އަގަށް މެސީ އެއްބަސްވެ، ކްލަބު ބަދަލުކޮށްފި ނަމަ އޭނާ ވެގެންދާނީ އެންމެ އަގު ބޮޑު އެތްލީޓަށެވެ.
މެސީއަށް އަހަރަކު 400 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް ހުށަހަޅާފައިވާކަން މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯވަނީ އާއްމުކޮށްފައެވެ.