ads
ޔާމީން އަދި އަދީބު
އަދީބަކީ އަދާވަތްތެރިއަކަށް ނުވާނެ ގޮތެއް ނުވިސްނޭ: ޔާމީން
ފުއްގިރި ކުއްޔަށް ދިނުމުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރީންގެ މައްސަލާގައި ކުރީގެ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު އޮތް، ފުއްގިރި މައްސަލައިގެ ޝަރީއަތުގައި، ޔާމީންގެ ފަރާތުން ހެކި ބަލައި ނުގަތުމަށް އެދި ހަތް ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށާއި ދައުލަތުން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ބަލައިނުގަތުމަށާއި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާތަކުން ހޯދި ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުއްވި ހުށަހެޅުންތައް ވެސް ހިމެނެ އެވެ.

އެ ހުށަހެޅުންތަކާ ގުޅިގެން ޝަރީއަތުން ވިދާޅުވީ އެ ހުށަހެޅުންތަކަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވެސް ހުށަހެޅި ހުށަހެޅުންތަކެއް ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެހެން ނަމަވެސް ޝަރީއަތުން ވިދާޅުވީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށް މި މަރުހަލާގައި ނިންމިޔަސް، ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާ މަރުހަލާގައި އެކަންކަން ފާހަގަ ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މައްސަލާގެ ހުކުމް ކުރާއިރު އެކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ޝަރީއަތުން އިއުލާން ކުރިއެވެ.

މިއަދުގެ ޝަރިއަތުގައި މި މައްސަލާގައި ދައުލަތުން ހުށަހަޅާ މައި ހެކި ކަމަށްވާ އަދީބާ ގުޅޭ ގޮތުން ޔާމީންގެ ޓީމުން ވިދާޅުވީ އަދީބަކީ ޔާމީންގެ އަދާވާތްތެރިއެއް ކަމަށެވެ. ޔާމީންގެ އެ ހުށަހެޅުއްވުމަށް ރައްދު ދެއްވަމުން ދައުލަތުން ވިދާޅުވީ، ދިފާއުން ފާހަގަ ކުރާ ހާލަތަކީ ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރަށް ވެފައި އެ ދުވަސްވަރު ނައިބު ރައީސަކަށް އަދީބު ހުންނެވުމުން ވެރިކަމުގެ ދަހިވެތިކަމުގައި އޮތް ހާލަތު ކަމަށެވެ.

ދައުލަތުގެ ރައްދާ ގުޅިގެން ޔާމީން ވިދާޅުވީ އެއް އިރެއްގައި އަދާވާތްތެރިކަން އޮވެފައި، މިހާރު އާދާވާތްތެރިކަން ނޯންނަންވީ ސަބަބެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އަދި, އަދީބާއި ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމުގައި، ދައުލަތަށް އެއްބާރުލުން ދޭނަމަ އަދީބަށް އުފުލާފައިވާ އެފަދަ ދައުވާތައް ނުކުރާނެ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް