
ގައުމީ ފުޓްބޯޅަ ޓީމު މާދަމާ ޖަޕާނަށް ފުރުމަށް ފަހު، މާލެ ނައިސް ދެން ދާނީ ސީދާ ބެންގަލޫރަށެވެ. މުބާރާތް އޮންނާނީ ބެންގަލޫރުގައެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް، އެކުލަވާލި ގައުމީ ޓީމު މާލޭގައި ޕްރެކްޓިސް ކުރަމުން އަންނަތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓާގެޓަކީ ސީދާ ޗެމްޕިއަންކަން ހޯދުން ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއެކު ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ލުބްނާނާ ބަންގްލަދޭޝްއެވެ.
އަނެއް ގްރޫޕުގައި ކުވައިތު، އިންޑީޔާ ނޭޕާލު އަދި ޕާކިސްތާނެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕަކީ ސެމީ ފައިނަލުގެ ފުރުސަތު ހޯދަން ރާއްޖެއަށް ފަސޭހަ ގްރޫޕެކެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީއަށް ދާނެއެވެ.
ރާއްޖެއާ ބޫޓާން ކުޅޭ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ގަނޑުއެވެ. މުބާރާތް ފަށާނީ ޖޫން 21 ވަނަ ދުވަހު ހަވީރުއެވެ. ޖޫން 22 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ރާއްޖޭގެ ދެވަނަ މެޗުގައި ކުޅޭނީ ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗުގައި ޖޫން 28 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލުބުނާނާއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި ހަތަރުވަނަ ދުވަހުއެވެ.