ads
މާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ވަނީ ހިންމަފުށީގައި އާ ޖަލެއް އަޅާފައި - ފޮޓޯ:އާބަންކޯ
މާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ހިންމަފުށީގައި އާ ޖަލެއް އަޅައިފި
މާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ކ. ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ. މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އާބަންކޯއިން ބުނެފައިވަނީ ރައީސް އޮފީހުގެ އެދުމުގެ މަތިން އެ ކޯޕަރޭޝަނުގެ ފަރާތުން ހިންމަފުށީގައި ތަރައްގީ ކުރީ މީގެކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބާ އިމާރާތެއް ކަމަށެވެ.

އެ ތަނުގައި އެ ކޯޕަރޭޝަނުގެ ޓީމުން މިހާރު ވަނީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފައި ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ ޖާގައިގެ ގޮތުން އެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭނެ ކަމަށެވެ. އަދި ގައިދީން ބޭނުން ކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެ ތަނުގައި އިމާރާތްކޮށްފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ މައި އިމާރާތުގެ ސްޓްރަކްޗަ އާއި ކަރަންޓުގެ މަސައްކަތުގެ އިތުރުން ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކޯޕަރޭޝަނުން ކޮށްފައިވާ ކަމަށެވެ. މަސައްކަތްތައް ނިންމާލުމަށް ފަހު އެ ކޯޕަރޭޝަނުގެ ފަރާތުން މިހާރު އެ ތަން ކަރެކްޝަންސް އާ ހަވާލުކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

your imageމާލޭ ޖަލު ހުސްކުރުމަށް އާބަންކޯއިން ވަނީ ހިންމަފުށީގައި އާ ޖަލެއް އަޅާފައި - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީ ކުރުމާއި ހުޅުމާލެއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނު ކަމުގައިވީ ނަމަވެސް އެ ކޯޕަރޭޝަނުގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން އެ ކޯޕަރޭޝަނުން އަންނަނީ އާންމު މުޖުތަމައަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުން ކަމުގައެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް