ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން ރިއްފަތު މަޖިލީހުގައި މިއަދު ވިދާޅުވީ މި މައްސަލައިގައި އިސްކޮށްފައިވާނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުކަމަށާއި މި މައްސަލައިގައި އިހުމާލުވެފައި އޮތީ ކުރީގެ ސަރުކާރުތަކުން ކަަމަށެވެ.
މި މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިއްފަތު ވަނީ ކުރީގެ ބަންޑާރަ ނައިބުން ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ރިއްފަތު ވިދާޅުވީ އިޓްލޮސްގައި މި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު މޮރިޝަސްއަށް ލިބިގެން ދިޔައީ ކުރީގެ ސަރުކާރުތަކުން މި މައްސަލަ ހައްލުކޮށްފައި ނުވުމުން ކަމަށެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީ ކުރީގެ ބައެއް މެމްބަރުންނާއި، ޖޭޕީ އަދި އެމްއެންޕީން ގުޅިގެން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނާއިބުގެ ޙައިސިއްޔަތުން އިބްރާހީމް ރިއްފަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.
އިދިކޮޅުން ބުނަމުންދަނީ ރާއްޖެއާއި މޮރިޝަސް ދެމެދު އޮތް ފުށުއަރާ ސަރަހައްދު ވަކިކުރުމުގައި ބަންޑާރަ ނާއިބު މަސައްކަތްކުރެއްވީ ދިވެހިންގެ މަސްލަހަތާ ހިލާފަށް ކަމަށެވެ.