ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ރިއްފަތު ވިދާޅުވީ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅުގައިވެސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދޫނުދޭނެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.
އިދިކޮޅު މެންބަރުން ވަނީ ރައީސްގެ ސިޓީފުޅުގެ ވާހަކަ ތަކުރާރުކޮށް މިއަދުގެ ޖަލްސާގައި ފާހަގަކޮށް އެ ސިޓީފުޅާއި ގުޅިގެން ރިފްއަތާއި ސުވާލުކޮށްފަ އެވެ.
ރިފްއަތު ވިދާޅުވީ އިޓްލޮސްއިން ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައިވެސް ރައީސްގެ ސިޓީފުޅު ނެތްކަމަށެވެ.
ރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އިސް ކުރައްވާފައިވާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށްވެސް ރިއްފަތު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރިފްއަތު ވަނީ މި މައްސަލައިގައި ރާއްޖޭން ވަކާލާތު ކުރިގޮތަށް ފުރިހަމައަށް ކާމިޔާބު ލިބިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.