ބެންޒެމާއާއެކު ރެއާލްއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން އެކްލަބުން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށެވެ. ނަމަވެސް 14 އަހަރު ރެއާލްއަށް ކުޅުމަށްފަހު ބެންޒެމާ ވަނީ ޓީމު ދޫކޮށްލަން ނިންމާފައެވެ.
މިއާއެކު ރެއާލްއިން ވަނީ އެފެންވަރުގެ މޮޅު ސްޓްރައިކަރެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިވަގުތު ރެއާލްގެ އެންމެ ބޮޑު އަމާޒަކީ އުމުރުން 29 އަހަރުގެ ހެރީ ކޭން ހޯދުމެވެ. ހަމައެހެންމެ ނަޕޯލީގެ ވިކްޓާ އޮޝިމަން، އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް އަދި ޗެލްސީގެ ކައި ހަވާޓްސްގެ އިތުރުން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑުސާން ލަހޯވިޗްއަށްވެސް ރެއާލްއިން އަންނަނީ ފާރަލަމުންނެވެ.
މި ސީޒަނަށްފަހު ބެންޒެމާގެ އިތުރުން އެޑެން ހަޒާޑް، މާކޯ އަސެންސިއޯ އަދި މަރިއާނޯ ޑިއާޒްވެސް ވަނީ ރެއާލް ދޫކޮށްލުމަށް ނިންމާފައެވެ. އެހެންކަމުން ރެއާލްއަށް 77 މިލިއަން ޔޫރޯ ސަލާމަތް ކުރެވޭނެއެވެ. މިއާއެކު އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމަށް ބޮޑު ހަރަދެއް ކުރުމުގެ ފުރުސަތުވެސް އެޓީމަށް އެބައޮތެވެ.
ކޭން ވަނީ މިހާތަނަށް ޓޮޓެންހަމްއަށް ކުޅެދިން 435 މެޗުން 280 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެ ކުރިން އޭނާ ވަނީ މެންޗެސްޓާ ސިޓީއަށްވެސް ބަދަލުވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓޮޓެންހަމުން ވަނީ އޭނާ ޓީމުގައި މަޑުކުރުމަށް އޭރު އެއްބަސް ކުރުވާފައެވެ.
ނަމަވެސް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ޓޮޓެންހަމް ކޮލިފައި ނުވުމަކީ ކޭން އެޓީމު ދޫކޮށްލާނެކަމަށް ބެލެވޭ ސަބަބެކެވެ. މީގެ އިތުރުން، މިވަގުތު ޓޮޓެންހަމްގެ ކޯޗުގެ މަގާމުވެސް އޮތީ ހުސްކޮށެވެ.