
އެމްޑަބްލިއުއެސްސީން ބުނީ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް އަންނަނީ ރާވައި ހިންގަމުން ކަމަށެވެ.
އެގޮތުން، އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގައި މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި ހަރަކާތް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާން ކަމަށެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ބައިވެރިވި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕެއިންގެ ދަށުން ހާއްސަ ހަރަކާތްތަކެއް އެމްޑަބްލިއުއެސްސީން ވަނީ ހިންގާފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ހދ. ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށް ތިމާވެށްޓާ މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައި ކަމުގައެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލް އާ ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ސާފުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޑަބްލިއުއެސްސީން ބުނީ މި ހަރަކާތުގައި ކުޅުދުއްފުށީގެ 20 އަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވި ކަމަށެވެ. އާންމުންގެ ބޮޑު ތަރުހީބެއް މި ހަރަކާތްތަކަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިއު އެސްސީން ބުނެފައިވަނީ ކުޅުދުއްފުށީގެ ސްކޫލުތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގުމުގެ އިތުރުން "ފެން ފިއެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައި ކަމަށެވެ.
"ނަލަ ވެށި" ކެމްޕެއިންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ހިންގުން - ފޮޓޯ:އެމްޑަބްލިއުއެސްސީ
"ނަލަ ވެށި" ކެމްޕެއިންގެ މަގުސަދަކީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިތްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާ ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް، އީޖާދީ ކުންފުންޏަކަށް ވުން ކަމަށް އެ ކުންފުނިން ބުނެއެވެ.