ކޮކާ-ކޯލާ ފައުންޑޭޝަނުން ބުނީ އުކާލެވޭ ޕްލާސްޓިކް އެއްކޮށް، ރީސައިކަލް ކުރުމާއި ވަށާ ޖެހޭ އިގުތިސޯދެއް ބިނާކުރުމަށް ހުރިހާ ބައިވެރިން ގުޅިގެން ކުރެވޭ މަސައްކަތަކީ، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ #BeatPlasticPollution އާ ގުޅިލާމެހިފައިވާ މަސައްކަތެއް ކަމަށެވެ.
ޕްލާސްޓިކް ކުނިން ތަގައްޔަރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަވަސް ހައްލެއް ހޯދަން ޖެހޭކަން މި ހަރަކާތުން ފާހަގަކުރެވޭ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، މި މަހުގެ ފަސްވަނަ ދުވަހު އެމްއާރްއެފް އިފްތިތާހުކުރުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތަކަށް ހަރުދަނާ އިޖާބައަކަށް ވާތީ، މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
ކޮކާ-ކޯލާ ފައުންޑޭޝަނުން ބުނި ގޮތުގައި އެމްއާރްއެފްއަކީ ކުނި މެނޭޖުކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުން ކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމަށް ވަރަށް މުހިންމު ނިޒާމެއް ކަމުގައެވެ.
މިއީ ވަށާ ޖެހޭ އިގުތިސޯދެއް ގާއިމުކުރުމާއި ކުނި މެނޭޖުކުރުމާއި ތަގައްޔަރުވުން ހުއްޓުވުމަށާއި ޖައްވަށް ބޭރު ކުރާ ވިހަ ގޭހުގެ މިންވަރު މަދު ކުރުމުގެ އިތުރުން ޕެޓް ފަދަ އަލުން ބޭނުން ކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެއް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ފައުންޑޭޝަނުން ބުނީ ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ފަދަ ކަންކަމަށް ވެސް އެމްއާރްއެފްތަކުން ބާރު އަޅާ ކަމަށެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ ޕެޓް ޕްލާސްޓިކް އަލުން ބޭނުން ކުރުމަށް އެއްކޮށް، ތަރުތީބުކޮށް، ބޭލްކޮށް، އެކްސްޕޯޓް ކުރުމަށް ފަރުމާކޮށްފައިވާ މޯޕާ އެމްއާރްއެފްއަކީ އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ވަނީ އެމްއާރްއެފް ގާއިމުކޮށް، ހިންގުމަށް 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފައި ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
ކޮކާ-ކޯލާއިން ބުނީ އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ގާއިމުކޮށްފައިވާ އެމްއާރްއެފްގައި ބޭލާ މެޝިނަކާއި ޕިކަޕަކާއި ބަރުދަން ބަލާނެ އާލާތްތަކާއި ފޯކްލިފްޓެއް ހިމެނޭއިރު، ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ތަނެއް ވެސް ހުންނަ ކަމަށެވެ.
ސާދިޔާ މެޑްސްބްޖާގް ވިދާޅުވީ މި ފެސިލިޓީ އެޅުމަށް ޖާގަ ފަހިކޮށްދެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި އާބަންކޯއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިއީ ޕެޓް ޕެކޭޖިންގެ ވަށައިގެން ވަށާ ޖެހޭ އިގުތިސޯދެއް އުފެއްދުމުގައި އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސަރުކާރާ އެކު ފަށާފައިވާ މުހިންމު މަޝްވަރާތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ސާދިޔާ މެޑްސްބްޖާގް ވިދާޅުވިއެވެ.
"ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ އާ މިންގަނޑެއް ކަނޑައެޅިގެންދާ މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ފެސިލިޓީގެ ސަބަބުން ޕްލާސްޓިކް ކުނިން ތަގައްޔަރުވުން ކުޑަކުރުމުގެ އިތުރުން އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިގުތިސޯދީ އަދި ދިރިއުޅުމުގެ އާ ފުރުސަތުތައް ވެސް ފަހިވެގެންދާނެ،" އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވިއެވެ.
ކޮކާ-ކޯލާއިން ބުނެފައިވަނީ މޯޕާ އާއެކު ގާއިމުކުރި މި ގުޅުމަކީ ޕްލާސްޓިކް ކުނިން ތަގައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށާ ޖެހޭ އިގުތިސޯދެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ރާއްޖެއަށް ދިން ފުރަތަމަ އެހީ ކަމަށެވެ.