ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ އިއްޔެގެ ޖަލްސާގައިވެސް މަސައްކަތް ކުރެވުނު މައްސަލަ އެވެ.
އިއްޔެގެ ޖަލްސާގައި އެ މައްސަލަ ނުނިންމުނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާކަމަށް ބުނެ މަޖިލީހުގެ ޖަލްސާ ނިންމާލުމުންނެވެ.
މިއަދު ޖަލްސާގައި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނިކޮށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ބަންޑާރަ ނައިބު މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފަ އެވެ.
ހުސައިންގެ މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެހެންކަމުން މި މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.
ހުސައިން ހުށަހެޅި އިމްތިޔާޒްގެ މައްސަލައަށް ބަހުސް ކުރަން ފާސް ނުވުމުން އޭނާ ވަނީ ކޮމިޓީއަށް މި މައްސަލަ ހުށަހަޅައިދިނުމަށް އެދި އެހެން މައްސަލައެއްވެސް ހުށަހަޅާފަ އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުއްވާފަ އެވެ.
މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާތީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ބަހުސް ކުރަން ނުފެންނަ ކަމަށް ފާސްވެ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އިމްތިޔާޒްގެ މައްސަލައެއް ނެތްކަން ހާމަވާ ކަމަށެވެ.
ރައީސް ނަޝީދު ނިންމެވީ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިފައި އޮތުމުން ބަންޑާރަ ނައިބުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދިއުމަށެވެ.
މަޖިލީހުގެ ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަސައްކަތްތައް މިހާރު ވަނީ މަޑުޖެހިފަ އެވެ. އެއީ މަޖިލީހުގެ ދަފްތަރުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ބެހިގެންވާ ގޮތަށް ބަދަލު އައިސްފައި ވުމުން ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް އަދި ގޮތެއް ނިމިފައި ނުވާތީ އެވެ.
ކޮމިޓީތަކުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމުން އިމްތިޔާޒުގެ މައްސަލަ ކުރިއަށް ދާނެ ކަމަކަށް ނުބެލެވެ އެވެ.