ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއި އެއްގޮތަށް، ފްލެޓާއި ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް މި މަހު އިއުލާން ކުރައްވާނެ ކަމަށެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ ގޯއްޗަށް އެދުނު ފަރާތްތަކުގެ އިވެލުއޭޝަން ރިޕޯޓް މިމަހުގެ ކުރީކޮޅު ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު 35،861 ފޯމު ވަނީ ލިބިފަ އެވެ.
ސަރުކާރުން ނިންމާފައިވަނީ މާލެ ސަރަހައްދުން 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށެވެ.
މާލެ ސަރަހައްދުން ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ވަނީ ހުށަހަޅާފަ އެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ތެރެއިން ވަކި ފަރުދަކަށް ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑު މިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަންއެއް ނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ އެވެ. އެންމެ ގިނަވެގެން ޖޮއިންޓް އެޕްލިކޭޝަނަކަށް ހުށަހެޅެނީ ހަތް މީހުންނަށެވެ. ހަތް މީހުންގެ އެޕްލިކޭޝަނަކަށް ދޫކުރާނީ 4،000 އަކަފޫޓުގެ ގޯއްޗެވެ.
ފްލެޓާއި ގޯތި ދޫކުރުމަށް ނިންމާ އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.