
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާ ގޮތުން މިދިޔަ އެޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 33.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ އެ އަތޮޅުގެ ރިސޯޓުތަކުން ލިބުނު 30.2 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 3.1 މިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެ އަތޮޅުގެ ރިސޯޓުތަކުން އެކަނިވެސް 9.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.
އެޕްރީލް މަހު ނ. އަތޮޅުގެ ރިސޯޓުތަކުންނާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 7.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބުނު އަތޮޅެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެޕްރީލް މަހު އެންމެ މަދު އަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ ފުވައްމުލަށް ސިޓީންނާއި ތ. އަތޮޅުގެ އިތުރުން ފ. އަތޮޅުންނެވެ. ފުވައްމުލަށް ސިޓީން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 7،015 ރުފިޔާ ލިބުނުއިރު، ތ. އަތޮޅުން ލިބިފައިވަނީ 190،979 ރުފިޔާއެވެ. ފ. އަތޮޅުން 243،039 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވެެއެވެ.
ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 105.4 މިލިއަން ރުފިޔާއެވެ. ފެބްރުއަރީ މަހު 91.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 100.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ރިސޯޓުތަކާއި ސަފާރީގެ އިތުރުން ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ ތިން ޑޮލަރެވެ.
މިދިޔަ އެޕްރީލް މަހު ރިސޯޓުތަކުންނާއި ހޮޓާތަކުން އަދި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި 92.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ސަފާރީތަކުން 2.3 މިލިއަން ރުފިޔާ އަދި ހޯމްސްޓޭތަކުން 184.1 ރުފިޔާ ވަނީ ލިބިފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ދައްކާގޮތުން އެޕްރީލް މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 912.2 މިލިއަން ރުފިޔާއެވެ.