ads
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު -- ފޮޓޯ: ރައީސް އޮފީސް
ނަޝީދު މަގާމުން ދުރުކުރަން ރައީސް ސޯލިހު ތާއީދު ކުރައްވާ: މިއުވާން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕީޖީން ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ޕީޖީން ނިންމާ ނިންމުންތަކަށް ރައީސް ތާއީދު ކުރައްވާނެ ކަމަށާއި އެ ނިންމުންތަކާއި އެއްގޮތަށް ރައީސް އަމަލު ކުރައްވާނެ ކަމަށެވެ. 

"ޕާލިމެންޓަރީ ގްރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ. ރައީސްއާ އެބޭފުޅުންނާ މަޝްވަރާވެސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންނާ ވެސް ރައީސާ މަޝްވަރާކުރެވޭ،" - މިއުވާން

މިއުވާން ވިދާޅުވީ އެމްޑީޕީގެ ޕީޖީން ނިންމާ ނިންމުންތަކަކީ ރައީސް ސޯލިހުގެ މަޝްވަރާއާއި އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ. 

މީގެ އިތުރުން އެމްޑީޕީ ޕީޖީގައި ހިމެނޭ ހުރިހާ މެންބަރުންގެ އިތުބާރުވެސް ރައީސް ސޯލިހަށް އެބަ އޮތްކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ މަޝްވަރާގެ މަތިންކަމަށްވެސް ވިދާޅުވި އެވެ. 

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ އެމައްސަލަ މަޖިލީހަށް ވެއްދީ 54 މެންބަރުންގެ ސޮޔާއި އެކުގައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހަ ސަބަބެއް ދެއްކުމަށް ފަހު އެވެ. އެއީ:

  • ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް އަންނަ ބަދަލާއިއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުމާއި
  • ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި
  • ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ހުރަސް އެޅުއްވުމާއި
  • ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ހެނދުނުގެ ބްރޭކަށްފަހު މަޖިލީހުގެ ރިޔާސަތު ދޫކުރެއްވުމާއި
  • މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުމާއި
  • ވަކި ފަރާތަކަށް ޖެހިވަޑާއިގެން މެންބަރުންނާ ޒާތީ ތައައްސުބެއް ބޭއްވުމެވެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ފަސް މެމްބަރަކު ސޮއެއް ނުކުރައްވައެވެ. މި މައްސަލާގައި ސޮއި ނުކުރައްވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްއާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް